
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުން ނަގާ ވޯޓުތަކާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދުދީ، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ވޯޓުލުންތައް ކުރިއަށް ދާނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.
އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހަށް ބޭފުޅުން އައްޔަންކުރުމަށް މަތީ މަޖިލީހުގައި ނަގާނީ ހާމަ ވޯޓެއްކަމަށް ކޮމިޓީއަކުން އަމިއްލައަށް ނިންމިކަމަށް ބުނެ ދެކެވެނީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. އެގޮތުން، އެއީ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށް، އާންމު މެންބަރުންނަށާއި އާންމު ރައްޔިތުންނަށް ފެންނަން އޮންނަ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
ނޫސް ބަޔާން – ޕީއެންސީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް#DhiveheengeRaajje #CongressPartyMV pic.twitter.com/9UoC0J6bWZ
— PNC Secretariat (@pnc_secretariat) August 2, 2026
އަސާސީ ގަވާއިދުގެ ހަތްވަނަ ޗެޕްޓަރުގެ 69ވަނަ މާއްދާއަށް ހަވާލާދީ ޕީއެންސީން ބުނީ، މަތީ މަޖިލީހުން ކަންކަން ފާސްކުރާނީ އަތް އުފުލައިގެން ކަމަށް އެ މާއްދާގެ (ހ)ގައި ކަނޑައަޅާފައިވާ ކަމަށެވެ. ހަމައެހެންމެ، އެ މާއްދާގެ (ށ)ގައި ބަޔާންކުރާ ގޮތުން، އެ މަޖިލީހުގެ ތެރެއިން މެންބަރުން އިންތިޚާބު ކުރުމުގެ އެންމެހާ ކަންކަން ވެސް ގެންދަން ޖެހޭނީ ހާމަ ވޯޓަކުން ކަމަށް ބަޔާނުގައިވެއެވެ.
މަތީ މަޖިލީހުގެ ވޯޓުލުންތައް މިހާތަނަށް ވެސް ކުރިއަށް ގެންގޮސްފައި ވަނީ މި އުސޫލުގެ މަތިންކަން ފާހަގަކުރަމުން، ޕީއެންސީން ވަނީ އެ ޕާޓީގެ އެތެރޭގެ ހިންގުމުގެ ނިޒާމު އަބަދުވެސް އޮންނާނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، ދެފުށް ފެންނަ ގޮތަކަށްކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ އާންމު މެންބަރުންނަށް އަރުވާފައެވެ.

