
ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން، ތިމާވެއްޓާ ބެހޭ ވުޒާރާއާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ދިހަ ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތަކެއް ތަރައްޤީކުރުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން، ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޙަރަކާތަށް ބޭނުންވާ ހަތަރު ލައްކަ ގަސް ފޯރުކޮށްދިނުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ޙަވާލުވެފައެވެ. އަދި ހޮވާލެވޭ ދިހަ ރަށެއްގައި ގަސް އިންދައިގެން، އެ ސަރަޙައްދުތައް ޒަމާނީ އެގްރޯފޮރަސްޓްރީ ނިޒާމެއްގެ ދަށުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، މި މަސައްކަތަށް ބޭނުންވާ ދިހަ ނާސަރީއެއް ހެދުމަށް އެ ރަށްރަށުގެ ކައުންސިލްތަކާ އެކު މިހާރު ވެސް ލިޔެކިޔުންތަކުގައި ސޮއިކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް 1.8 މިލިއަން ގަސް ވަނީ އިންދިފައެވެ. ތަފާތު އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް ހަދިޔާކުރުމަށް ވަޢުދުވެފައިވާއިރު، މިކަމަށް ގަސް ފޯރުކޮށްދިނުމުގެ މަސައްކަތް ދެ ފަރާތަކާ ވަނީ ޙަވާލުކުރެވިފައެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމާ އެކު ތިމާވެށި ރައްކާތެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން ހިންގޭ މި މަޝްރޫޢުގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން މައްޗަށް ދާނެއެވެ. ހަމައެހެންމެ، މިއީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކާނާ އުފެއްދޭނެ މާޙައުލެއް ޤާއިމުކުރުމަށް އެޅޭ ވަރަށް ބޮޑު ބިންގަލެކެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުތައް އެއްކޮށް ނިމޭއިރު، ރަށްފުށުގެ ފެހިކަން އާލާވެ، ދިވެހި ދަނޑުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އައުމެވެ.

