
މިދިޔަ ހުކުރު ދުވަހު ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް މޫސުން ގޯސްވެގެން ކ. ގާފަރު ކައިރިއަށް ލޭންޑިންގ ކްރާފްޓެއް ފެތުނު ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށްޓަކައި، ކަނޑާއި ވައިގެ މަގުން 2،700 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލައިފިއެވެ.
ޤައުމީ ދިފާއީ ބާރުން މަޢުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި ކޯސްޓްގާޑުގެ އިތުރުން އެއަރ ކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މިހާތަނަށް 2،747 އަކަ ނޯޓިކަލް މޭލުގެ ބޮޑު އޭރިއާއެއް ފާސްކޮށްފައިވާއިރު، އުޅަނދު އަޑިއަށްދިޔަ ސީދާ ސަރަހައްދަށް ޑައިވަރުން ވަނީ ފީނާފައެވެ.

މި މީހުން ހޯދުމުގެ މަސައްކަތުގައި، ދާދި ފަހުން ޚިދުމަތަށް ނެރުނު ކޯސްޓްގާޑުގެ އައު މަނަވަރު ކަމަށްވާ ‘އިމާދުއްދީން’ އާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓްތައް ބޭނުންކުރަމުންދާކަން ސިފައިން ފާހަގަކުރިއެވެ. އެހެންނަމަވެސް، މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން އެ ދެ މީހުންގެ އެއްވެސް ޚަބަރެއް ވެފައިނުވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މި ހާދިސާގައި އުޅަނދު އަޑިއަށް ދިޔައިރު އޭގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. މި މީހުންގެ ތެރެއިން ކަނޑުމަތިން ސަލާމަތްކުރި އަށް މީހުން ވަނީ ހަމަ އެ ދުވަހު ގާފަރަށް ގެންގޮސްފައެވެ. މި ހާދިސާ ކުރިމަތިވީ މުޅި ރާއްޖެއަށް ވެސް ވިއްސާރަކޮށް، ކަނޑުތައް ގަދަ ދުވަސްވަރެއްގައެވެ.

