
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޯރުކޮށްދެމުން އައި ހުރިހާ ޚިދުމަތްތަކެއް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް އިމާރާތްކޮށްފައިވާ “މެންހެޓަން ގްރޭންޑް ހޮޓެލްސް”އަށް ބަދަލުކޮށްފިއެވެ.
މީގެ ކުރިން ސިއްހީ ވުޒާރާ ހިންގާ ރޯޝަނީ ބިލްޑިންގުގައި ހިންގަމުން އައި އެޗްޕީއޭގެ އޮފީސް އަލަށް ބަދަލުކުރި އިމާރާތުގެ ދެވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާއިރު، މާދަމާއިން ފެށިގެން އެ އިދާރާގެ އެންމެހާ ޚިދުމަތްތައް ލިބެމުންދާނީ އައު އޮފީހުގެ ކައުންޓަރުން ކަމަށް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
ވެމްކޯ ސައިޓާ އިންވެގެން ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓަލަކީ މީޑިއާ ވިލެޖުގެ ގޮތުގައި ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ. މިއީ މި އިމާރާތަށް ބަދަލުވެ، ރަސްމީކޮށް މަސައްކަތް ފަށާ ފުރަތަމަ ދައުލަތުގެ މުއައްސަސާއެވެ.
އާންމު ސިއްހަތު ކުރިއެރުވުމާއި ބަލިތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެޗްޕީއޭ އަކީ، ރާއްޖެއާއި ބައިނަލްއަގުވާމީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން ސިއްހީ ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ އިދާރާއެވެ.

