
ދިވެހިންގެ ޒަމާންވީ ރިވެތި އާދަކާދަތަކާއި އަޚުލާޤަށް އަލުން ރުޖޫޢަވެގެން ނޫނީ ޙަޤީޤީ މިނިވަންކަން ޤާއިމުނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމުގެ މަތިވެރި ސިފަ ދިވެހިންގެ ކިބައިގައި ކުރިން އޮތް ނަމަވެސް، ފަހުގެ ތާރީޚެއްގައި އުފެދުނު ސިޔާސީ އޮއިވަރުގެ ތެރެއިން އެ ރިވެތި ސިފަތައް ގަސްތުގައި ނައްތާލާފައިވާކަން ފާހަގަކުރައްވާފައެވެ. ސިޔާސީ ޚިޔާލުތަފާތުވުންތަކާ އެކު ވެސް، ޤައުމުގެ ލާބަޔަށް މަސައްކަތްކުރާއިރު އިޚުލާޞްތެރިކަމާއި އިޙުތިރާމުކުރުން ދޫކޮށްލައިގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގެއްލިފައިވާ އިޖުތިމާޢީ ފޭރާން އަލުން ރަނގަޅުކުރުމަށްޓަކައި މުޅި ޤައުމު ޝާމިލުވާގޮތަށް ޚާއްޞަ ކެމްޕޭނެއް ސަރުކާރުން ފަށާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތަޢުލީމާއި ފަންނީ ތަމްރީނުގެ ފުރުޞަތުތަކުގެ އިތުރުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި ޒުވާނުންގެ އަޑު އުފުލުމަށް ޚާއްޞަ ލަފާދޭ މަޖިލީސްތަކެއް ކުރިއަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ވުޖޫދުކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ޤައުމުގެ ހިންގުން ހަރުދަނާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް ފަށާފައިވާ “މޯލްޑިވްސް 2.0” ޑިޖިޓަލައިޒޭޝަން މަޝްރޫޢަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް މަޖުބޫރުން ބައިވެރިވާންޖެހޭނެ މުހިންމު މަސައްކަތެއްކަމަށް ރައީސް އިންޒާރުކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަން ފާހަގަކުރައްވައި، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއިން އެކަން އިތުރަށް ސާބިތުވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

