
ޕެންޝަން ފަންޑުގެ އެހީގައި ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޝަރުތުހަމަވާ 23،000 އަށްވުރެ ގިނަ މީހުން ތިބިކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
އެ އޮފީހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު މެދުވެރިކޮށް ޙައްޖަށް ދިއުމުގެ ޝަރުތު ޖުމްލަ 23,172 މީހެއްގެ ފުރިހަމަވެއެވެ. މީގެ ތެރޭގައި ހިމެނެނީ 15،781 ފިރިހެނުންނާއި 7،391 އަންހެނުންނެވެ. މި ސްކީމްގެ ދަށުން މިހާތަނަށް 274 ފަރާތަކުން ވަނީ މާތްވެގެންވާ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ. މި ފުރުސަތު ލިބޭނީ އަލަށް ފަރުޟު ޙައްޖުވާ ފަރާތްތަކުގެ ތެރެއިން، ޕެންޝަން އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ރައްކާކުރެވިފައިވާ ފަރާތްތަކަށެވެ.
ޕެންޝަނާ ބެހޭ ޤާނޫނަށް މި އަހަރު ގެނެވުނު އިސްލާޙާ އެކު، ސަރުކާރުން ކަނޑައަޅާފައިވާ ކުންފުންޏަށް ޙައްޖު ފީގެ 20 އިންސައްތަ ދެއްކުމުން، ބާކީ 80 އިންސައްތަ ޕެންޝަން ފަންޑުން ހަމަޖެއްސޭނެ މަގު ވަނީ ފަހިވެފައެވެ. މި ބަދަލާ އެކު، ޙައްޖަށް ދިއުމަށްޓަކައި ކިޔުގައި ޖެހުމަށް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ. 2019ވަނަ އަހަރުގެ އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ޤާނޫނީ ބަދަލަކީ ގިނަ ބަޔަކަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ލުއިފަސޭހަތަކެއް ގެނެސްދިން ބަދަލެކެވެ.
ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، އެންމެ ގިނަ ބަޔަކު ހިމެނެނީ 45 އަހަރާއި 55 އަހަރާ ދެމެދުގެ ގިންތީގައެވެ. އެއީ 6،043 ފިރިހެނުންނާއި 3،429 އަންހެނުންނެވެ. އޭގެ އިތުރުން 65 އަހަރުން މަތީގެ 5،480 މީހަކާއި، 35 އަހަރާއި 45 އަހަރާ ދެމެދުގެ 7،881 މީހެއްގެ އިތުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ 339 ޒުވާނުން ވެސް މި ލިސްޓުގައި ހިމެނެއެވެ.
މި ފައިސާ ދޫކުރުމުގެ އުސޫލުތައް ބައްޓަންކޮށްފައި ވަނީ، ގެދޮރު ގަތުމަށް ޕެންޝަން ފަންޑުން ފައިސާ ނަގާފައިވާނަމަ އެ އަދަދެއް އުނިކުރުމަށްފަހުގައެވެ. އަދި ރިޓަޔަރ ކުރާ އުމުރުގައި މަހަކު 2،000 ރުފިޔާ ލިބޭނެ މިންވަރު ފަންޑުގައި ބެހެއްޓުމަކީ ވެސް މަޖުބޫރު ކަމެކެވެ. ޕެންޝަން އޮފީހުން މިހާރު ދަނީ ކަމާގުޅޭ އިދާރާތަކާ އެކު އެއްބަސްވުންތައް އެކުލަވާލައި، އަންނަ މަހުގެ ނިޔަލަށް އާ ޤަވާއިދުތައް ނިންމުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންދަމުންނެވެ. އަދި ފައިސާ ނެގުމަށް ފަހު އެއްވެސް އުޒުރަކާހުރެ އެ އަހަރަކު ޙައްޖަށް ނުދެވިއްޖެނަމަ، ޙައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދުކުރަންޖެހޭނެކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

