
ދުނިޔޭގައި އިންސާނުން ކުރާ އެންމެހައި ކަންކަމާމެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަމަށާއި، ކުށްތައް ފޮރުވުމަށް މަސައްކަތްކުރާ ހިނދު އަމިއްލަ ހަށިގަނޑުގެ ގުނަވަންތައް އެ މީހަކާ ދެކޮޅަށް ހެކިދޭނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
“ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!” މި މައުޟޫޢުގެ މައްޗަށް މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައި ވަނީ، އާޚިރަތް ދުވަހަކީ އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެ ދުވަހެއް ކަމަށެވެ. އެގޮތުން، ތިމާގެ ނުބައި ޢަމަލުތައް ވަންހަނާކޮށް ދޮގުހަދަން އުޅުނު ނަމަވެސް، އެ ދުވަހުން މާތް ﷲ އެމީހެއްގެ އަނގަ ބަންދުކުރައްވައި، އަތާއި ފައި ފަދަ ގުނަވަންތަކުން އޭނާ ދުނިޔޭގައި ކުޅަ ކަންތައްތަކުގެ ވާހަކަ ކިޔައިދޭނެކަމަށް ޚުޠުބާގައި އަލިއަޅުވާލާފައިވެއެވެ. އަދި ކޮންމެ މީހަކަށްމެ އެމީހެއްގެ ޢަމަލުތަކުގެ ފަތް ހުޅުވާލެވި، އަމިއްލަ ނަފުސު ހިސާބުކުރުމުގެ ފުރުސަތު ދެވޭނެކަން ވަނީ ހަނދާންކޮށްދީފައެވެ.
މަޙުޝަރު ބިމުގެ ބިރުވެރިކަން ސިފަކޮށްދެމުން ޚުޠުބާގައި ފާހަގަކުރީ، އެއީ އިންތިހާ ދަރަޖައިގެ ނާމާންކަން އެކުލެވިގެންވާ ދުވަހެއް ކަމަށެވެ. އެ ދުވަހުގެ ސުންޕާކަމުން ކިރުދޭ މައިންނަށް އަމިއްލަ ދަރިންމަތިން ހަނދާންނެތި، މާބަނޑު މީހުންގެ ބަނޑު ކޮށައިގެންދާނެކަމަށް ޤުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަވަމުން ބުނެފައިވެއެވެ. މީގެ އިތުރުން، އާދައިގެ މަތިން ތިމާއަށް ބޮޑު ކަމެއް ދިމާވުމުން އެންމެ ގާތްތިމާގެ މީހުންގެ އެހީތެރިކަމަށް އެދުނު ކަމުގައިވިޔަސް، އެ ދުވަހުން ކޮންމެ މީހަކު ވެސް އުޅޭނީ އަމިއްލަ ނަފުސު ސަލާމަތްނުކުރެވިގެން ކަމަށާއި، އެންމެ ގާތް މީހުން ވެސް އެކަކު އަނެކަކާ ދުރަށް ފިލަން ދުވާނެކަމަށް ބަޔާންކޮށްދެއްވިއެވެ.
އިންސާނުންގެ ނިމުން އަންނާނެ ދުވަހު މީސްތަކުން ދެ ބަޔަކަށް ބެހިގެންދާނެކަން ފާހަގަކުރައްވައި ޚުޠުބާގައި ވަނީ، އުފާވެރިކަން ލިބެނިވި މީހުންނާއި ގަދަފަދަ ވޭނާއި ހިތާމައިގައި ތިބޭނެ ބައެއް ވާކަން ހާމަކުރައްވާފައެވެ. ދުނިޔެމަތީގައި އުރެދުންތަކަށް އަރައިގަތް މީހުން އެ ދުވަހުން ކިތަންމެ ބޮޑު ފިދާއެއް ދީގެން ވެސް ނަރަކައިގެ ޢަޒާބުން ސަލާމަތްވާން ބޭނުންވާނެކަމަށް ވިދާޅުވެ، ޝައިޠާނާގެ މަގަށް ނުހެއްލި ހެޔޮ ޢަމަލުތައް ގިނަކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ސަބަބަކީ ހަޤީޤީ ކާމިޔާބީއަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަ މީހާއަށް ވާތީއެވެ.

