
ކ. ތިލަފުށިން ފުރައިގެން ދިޔަ ލޭންޑިންގ ކްރާފްޓެއް ކ. ގާފަރު ކައިރިން ދިޔަވެ، އޭގައި ތިބި މީހުންގެ ތެރެއިން ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:48 ހާއިރުއެވެ. އެ އުޅަނދު ދިޔަވެ އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ ދިހަ މީހުން ދަތުރުކުރިއިރު، އޭގެ ތެރެއިން އަށް މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް ގެއްލުނު ދެ މީހުން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމަށް ކަނޑުމަތީގެ ބޮޑު ސަރަހައްދެއް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.
މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެދާނެކަމަށް އިންޒާރު ދީފައިވާއިރު، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކެއް މެނުވީ ނުކުރުމަށާއި، ކަނޑުމައްޗަށް ނުކުންނަ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

