
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައިގަދަވެ ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ބައިނަލްއަޤުވާމީ ގިނަ ފްލައިޓުތަކެއް ޖެއްސުމަށް އުނދަގޫތަކަކާ ކުރިމަތިވެ ބައެއް ބޯޓުތައް ޑައިވާޓްކުރަން ޖެހިއްޖެއެވެ.
މާލެއަށް ދަތުރުކުރި ފްލައި ދުބާއީގެ ބޯޓެއް މޫސުމީ މި ހާލަތާ ގުޅިގެން މިހާރު ވަނީ އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯއަށް މިސްރާބު ބަދަލުކޮށްފައެވެ. އޭގެ އިތުރުން، ރަންވޭއަށް ތިރިނުކުރެވިގެން ވައިގެ ތެރޭގައި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހިފައިވާ އެއާލައިންތަކުގެ ތެރޭގައި ޤަތަރު އެއާވޭސް، އިންޑިގޯ، ސްރީލަންކަން އެއާލައިންސް، އެއިރޯފްލޮޓް އަދި ފިޓްސް އެއާ ހިމެނެއެވެ.
އެއާޕޯޓުގެ އޭވިއޭޝަން މެޓް ރިޕޯޓުތައް ބަޔާންކުރާ ގޮތުގައި، އެ ސަރަހައްދުގައި ވައިގެ ބާރުމިން ގަޑިއަކު 35 ނޮޓަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕައިލެޓުންނަށް ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ އިންތިހާއަށް ދަށްވެފައެވެ.
މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް މިއަދު މެންދުރުފަހު 15:30 ގެ ނިޔަލަށް ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެކަމަށް ވަނީ އިންޒާރުދީފައެވެ.
މިއީ ހުޅަނގު މޫސުމުގެ ބާރު އެންމެ ގަދަ ދުވަސްވަރުކަމަށް ވުމާ އެކު، އާންމުކޮށް ކަނޑުތައް ގަދަވެ ވައި ބާރުވާނެކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އެހެންކަމުން، ކަނޑުމަގުން ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

