
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އެ މަސައްކަތް ބައްޓަންކުރާނީ މަސްލަހަތުވެރިންގެ ފުރިހަމަ ލަފަޔާއި މަޝްވަރާގެ މަތިންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޝަފީޤް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހު އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާއިރު، ތިލަފުށީ ޕޯޓު މަޝްރޫޢާ ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝަފީޤް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި މާލޭ ބަނދަރު ތަރައްޤީކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބިމުގެ ޖާގަ ނެތުމެވެ. އެހެންކަމުން މިއީ އެކަމަށް ދާއިމީ ނިމުމެއް ގެނެސްދީ، ޒަމާނީ ލޮޖިސްޓިކްސްގެ ފުރިހަމަ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ތަނަވަސް އަދި ފުރިހަމަ ބަނދަރަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ޔަޤީންކަން އަރުވަމުން އެމްޕީއެލްގެ އެންމެ އިސްވެރިޔާ ވިދާޅުވީ، ބަނދަރުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު ވިޔަފާރިވެރިންނާއި ކަމާބެހޭ ފަރާތްތަކުން ހިއްސާކުރާ މަޢުލޫމާތާއި ޚިޔާލުތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކުރާނެ ކަމަށެވެ. އަދި އައު ބަނދަރު ފަރުމާކުރެވިގެން ދާނީ ރާއްޖޭގެ މާޙައުލާ ރައްޓެހި، އަދި ވިޔަފާރިތަކުގެ އުއްމީދުތަކާ ގުޅޭގޮތަށް ކަމުގައިވެސް އެފަރާތުން ކަށަވަރުކޮށްދެއްވިއެވެ.
މިހާރު މާލޭގައި އޮޕަރޭޓްކުރާ ބަނދަރަށްވުރެ ދިހަ ގުނަ ތަނަވަސް ބިމެއްގައި ތިލަފުށީގައި ތަރައްޤީކުރާ އައު ޕޯޓުގެ މަގަތުފާލަން ވެސް ތިން ގުނަ ދިގުވާނެކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ. ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން މިހާރު ވެސް ދަނީ މި މަޝްރޫޢުގެ ދަށުން ހަދަންޖެހޭ މަގަތުފާލަމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.

