
މި އަހަރުގެ ފުރަތަމަ ހަ މަހު، މާލެއާއި ސިނަމާލެ ބްރިޖުގެ އިތުރުން ހައިވޭގައި ޖުމްލަ 1،355 ޓްރެފިކް އެކްސިޑެންޓް ހިނގައި، ދެ މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 83.25 އިންސައްތަ (1،128 މައްސަލަ) މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭގައި ހިނގާފައި ވަނީ 16.75 އިންސައްތަ (227 މައްސަލަ)އެވެ. މީގެ ތެރެއިން ހިނގާ ކޮންމެ ފަސް އެކްސިޑެންޓެއްގެ ތެރެއިން ހަތަރު ހާދިސާއަކީ މާލޭގައި ހިނގާ އެކްސިޑެންޓްތަކެވެ. މީގެ އިތުރުން، އެކްސިޑެންޓްތަކުގެ 66.49 އިންސައްތަ (901 ހާދިސާ) ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައި ވަނީ 454 އެކްސިޑެންޓެވެ.
އެކްސިޑެންޓްތަކުގައި ލިބުނު އަނިޔާތަކަށް ބަލާއިރު، 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި 1،322 ހާދިސާއެއްގައި ކުދި އަނިޔާތައް ލިބިފައިވާއިރު، ހިތާމަވެރި ގޮތެއްގައި ދެ މީހަކު ވަނީ މި ދުނިޔެއާ ވަކިވެފައެވެ. މުދަލަށް ލިބުނު ގެއްލުމަށް ބަލާއިރު 1،482 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.
އުޅަނދުތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި ބޮޑު ހޭދައެއް ކޮށްފައިވެއެވެ. ހިސާބުތައް ބުނާގޮތުން ހަ މަސްދުވަހުގެ ތެރޭގައި 3،284،622 ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފައިވެއެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް ބައި މިލިއަނަށްވުރެ ގިނަ (547،437) ރުފިޔާއެވެ.
އަހަރުގެ ފުރަތަމަ އާދަނުގެ ތެރޭގައި ދުވާލަކަށް އެވްރެޖްކޮށް ހަތެއް ނުވަތަ އަށެއްކަ އެކްސިޑެންޓް ހިނގާފައިވެއެވެ. އެންމެ ގިނަ އެކްސިޑެންޓް (253 މައްސަލަ) ޖަނަވަރީ މަހު ރިޕޯޓުކޮށްފައިވާއިރު، އެންމެ މަދުވީ ފެބްރުއަރީ މަހުގައެވެ. އެއީ 191 އެކްސިޑެންޓެވެ. އޭގެފަހުން މާރިޗު، އެޕްރީލް އަދި މޭ މަހު އެކްސިޑެންޓްތަކުގެ އަދަދު އުޅުނީ 230 އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި އަދަދު 205 އަށް ތިރިވެ، ޖަނަވަރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 19 އިންސައްތައިގެ ދަށްވުމެއް ފެނިފައިވެއެވެ.

