
ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ އެކު ރާއްޖޭގައި ގޭންގު ކުށްތައް ތަފާސްހިސާބުތަކުން މަދުވެފައިވާކަން ހާމަވެފައިވާ ކަމަށާއި، އަމާޒަކީ ކުށުގެ ވެށިން ޒުވާނުން ސަލާމަތްކޮށް އުފެއްދުންތެރި ބަޔަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަސްތުވާތަކެތީގެ މައްސަލައަކީ ތިން ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް މިކަމުގައި އެކަށީގެންވާ ކާމިޔާބީއެއް ހޯދިފައި ނެތް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިގޮތުން، ކުށްވެރިންނަށް ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އެމީހުންނަށް ފަރުވާދީ، އަނބުރާ މުޖުތަމައަށް ނެރުންކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މުޅި މުޖުތަމައުގެ އެއްބާރުލުމާ އެކު މި މަސައްކަތް ކާމިޔާބުކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އާންމު ފަރުދުންނާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޝަރުއީ ނިޒާމުގެ ތެރެއިންވެސް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.
ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާވުމަކީ ގޭންގު ކުށްތައް މަދުވުމުގެ މައިގަނޑު އެއް ސަބަބުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ޒުވާނުންނަކީ ކުށުގެ ވެށިން ދުރުވެފައިވާ، ގައުމަށް ފައިދާހުރި ބަޔަކަށް ވެގެންދާނެކަމުގެ އުންމީދު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

