
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާ 280 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
ދައުލަތުގެ މައި ވިޔަފާރި ކުންފުނިން މިއަދު އާންމުކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 27 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުންކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ތެލުގެ ވިޔަފާރިން ލިބުނު ފައިދާ ވަނީ ދަށަށް ގޮސްފައެވެ. އެ ކުންފުނިން ބަޔާންކުރި ގޮތުގައި މިފަދައިން ދިމާވީ، ބައިނަލްއަޤުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، އާންމު ރައްޔިތުންނަށް ދަތިނުވާނެހެން ރާއްޖޭގައި ތެޔޮ ވިއްކާ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރާ ގުޅިގެން ކުރި މަސައްކަތުން ތެލުގެ މާޖިން ކުޑަވުމުގެ ސަބަބުންނެވެ.
ތެލުގެ ވިޔަފާރީގެ ފައިދާ ކުޑަވި ނަމަވެސް، އެސްޓީއޯއިން ހިންގާ އެހެނިހެން ވިޔަފާރިތަކުން ލިބުނު ކުރިއެރުމާ އެކު، ކުންފުނީގެ ޖުމްލަ ފައިދާއަށް ކުރި ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން، ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 757 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ލިބިފައެވެ.
މީގެ އިތުރުން، އިދާރީ ހިންގުމާއި ފައިނޭންސްގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާއަކީ 280 މިލިއަން ރުފިޔާއެވެ. މާލީ ރިޕޯޓު އާންމުކުރުމާ އެކު، އެ ކުންފުނީގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެސްޓީއޯއިން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

