
ދިވެހިރާއްޖެއިން ވިލާތުގެ އިއްތިހާދު (އީޔޫ)އަދި ބެލްޖިއަމަށް ކަނޑައަޅުއްވާ މަންދޫބެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު އައްލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ހަމަޖެއްސެވުމަށް، ރައްޔިތުންގެ މަޖިލީހުން 52 މެންބަރުންގެ ވޯޓާ އެކު ރުހުން ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މައްސަލަ މަޖިލީހަށް ފޮނުއްވާފައި ވަނީ މި ހިނގާ މަހުގެ 7ވަނަ ދުވަހުއެވެ. އެއަށް ފަހު، މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އެކަން ދިރާސާކުރުމަށް ފަހު ނިންމާފައި ވަނީ، ދިޔާނާއަކީ އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ޤާބިލުކަމާއި ޝަރުޠު ފުރިހަމަވާ ބޭފުޅެއް ކަމަށެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެކުލަވާލި ރިޕޯޓަށް ތަޅުމުގައި ވޯޓަށް އެހުމުން، ދިޔާނާއަށް ރުހުން ދެއްވުމަށް ފާސްވެގެން ދިޔައީ އެއްވެސް މެންބަރެއްގެ ދެކޮޅުހެއްދެވުމެއް ނެތިއެވެ.
ދިޔާނާ ވަނީ މީގެ ކުރިން ވެސް ދައުލަތުގެ އެކި ދާއިރާތަކުގައި އިސް ދައުރުތަކެއް އަދާކުރައްވާފައެވެ. އެގޮތުން، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން، ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ދައުރުގައި ޖެންޑަރ މިނިސްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ. އަދި އެންމެ ފަހުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ދިޔާނާ ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ވެސް ޢައްޔަންކުރައްވާފައެވެ.

