
މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކޮށްފިއެވެ.
ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި
ހާރިސް މުހައްމަދަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.
އޭނާގެ ވަޒީފާގެ ހަޔާތުގައި އަދާކުރައްވާފައިވާ އިސް މަގމުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.
ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިން އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

