
ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މާދަމާ ހަވީރު 16:30 ގައި ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެ ކަމަށެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި އޮންނާނެ.https://t.co/g3ZSCI5sWl pic.twitter.com/GI43uBfiwQ
— Maldives National Defence Force (@MNDF_Official) July 28, 2026
ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރިއެވެ.

