
ނ. އަތޮޅުގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ޖުލައި މަހުގެ 26 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 7.2 ގުރާމް ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

