
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކެއްގައި ގިނަ ވަސީލަތްތަކަކާއެކު ތަރައްގީކުރި ފަސިންޖަރުން މަޑުކުރާ އާ ސަރަހައްދު މި މަހުގެ 25ވަނަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.
ޓާމިނަލްގެ ފުރަތަމަ ބުރީގައި އަލަށް ބޭނުންކުރަން ފެށި މި ޖާގައިގެ ސަބަބުން، ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް އިތުރު 750 އަކަމީޓަރުގެ ބޮޑު ސަރަހައްދެއް ވަނީ ލިބިގެންގޮސްފައެވެ. ފަސިންޖަރުންނަށް އަރާމުކޮށްލުމަށް އެކަށީގެންވާ ތަފާތު ވައްތަރުގެ ގޮނޑިތައް ބަހައްޓާފައިވާ މި ސަރަހައްދުގައި، ކުޑަކުދިންނާ އެކު ދަތުރުކުރާ އާއިލާތަކަށް ހާއްސަކޮށްގެން 136 އަކަމީޓަރުގެ ޕްލޭ އޭރިއާއެއް ވެސް ވަނީ ހަދާފައެވެ.
ކުޑަކުދިންގެ ސަރަހައްދު ފަރުމާކޮށްފައި ވަނީ ތަފާތު ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ބޯޅަ ކުޅޭ ތަންތަނުގެ އިތުރުން ރައްކާތެރިކަމާ އެކު ހަރަކާތްތެރިވެވޭނެ ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން، ދަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހާއްސަ ކައުންޓަރެއް ވެސް މިތަނުގައި ވަނީ ހުޅުވާފައެވެ. މި ކައުންޓަރުން ދިވެހިންނަށް ޑޮލަރު ނެގުމާއި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ލިބޭނެއެވެ.
އެމްއޭސީއެލްއިން ފާހަގަކުރާ ގޮތުގައި، މިއީ އެއާޕޯޓުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މި ބަދަލާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދޭ، ފަސިންޖަރުންނާ ރައްޓެހި މަރުކަޒަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

