
ބޭސްފިހާރަތަކަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކޮށް ތަމްރީނުކުރުމާ ގުޅޭގޮތުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ)އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެސްޓީއޯގެ ދަށުން ހިންގަމުން އައި ބޭސްފިހާރަތައް ސްޓޭޓްފާމާގެ ހިންގުމުގެ ދަށަށް ގެނައުމަށް ފަހު، އެ ތަންތަނަށް ބޭނުންވާ މުވައްޒަފުން ހޯދަން ފެށުމުން ވަނީ ދިވެހި ފާމަސިސްޓުންގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަވެފައެވެ. އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، ހަމައެކަނި ނިމިދިޔަ މަހުގެ ތެރޭގައި ވެސް 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް އިއުލާނުކުރަން ޖެހުނެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އިސްވެރިންނާ ބައްދަލުކޮށް، ފާމަސީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ މެދު ވަނީ ވާހަކަދެކެވިފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ކިޔެވުން ނިންމާ ދަރިވަރުންނަށް ސްޓޭޓްފާމާގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. ހަމައެއާ އެކު، މިހާރު ވެސް ވަޒީފާގައި ތިބި ފާމަސިސްޓުންގެ ފެންވަރު މަތިކޮށް، އައު މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ރިފްރެޝަރ ކޯސްތަކެއް ހިންގުމަށް ވެސް ދެ މުއައްސަސާއިން ވަނީ އެއްބަސްވެފައެވެ.
ސްޓޭޓް ފާމާއަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު އެއްކޮށް ގަނެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު 9ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށަށް އެސްޓީއޯ ފާމަސީތައް ރަސްމީކޮށް ބަދަލުކޮށް ހިދުމަތް ދޭން ފަށާފައި ވަނީ ހިނގަމުންމިދާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ލުއިފަސޭހަ ގޮތެއްގައި ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.

