
މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ވިއްސާރަކޮށް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްރަށަށް އުދަ އެރުމުގެ ފުރުޞަތު ބޮޑުކަމަށް ލަފާކުރެވޭތީ، މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަދުގެ ވައިގެ މިސްރާބަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، ގަޑިއަކު ތިން މޭލާއި ތޭރަ މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ތިރީސް މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް އެ އިދާރާއިން ފާހަގަކުރައްވައެވެ.
ނިމިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، މޫސުމާބެހޭ އިދާރާގެ ރެކޯޑުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ދިއްފުށި، ށ. ފުނަދޫ، ބ. ދަރަވަންދޫ އަދި ރ. އިފުރަށެވެ.

