
ދެ ހަފްތާއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފިއެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެ ހަފްތާ ވެގެން ދިޔައިރު ވެސް ޖަލްސާއެއް ނުބާއްވާއިރު އޭގެ ސަބަބެއް ވެސް މަޖިލީހުން ހާމައެއް ނުކުރެއެވެ.
މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރި މައުލޫމާތުތަކަށް ބަލާލާއިރު މާދަމާއަށް ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައެވެ.
އެ ޖަލްސާގައި ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަލުގެ ތެރޭގައި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބާ ގުޅޭ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ.
އޭގެ އިތުރުން ކުންފުނިތަކުން މުވައްޒަފުން މަދުކުރާތީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރުން ވެސް އެޖެންޑާގައި ހިމަނައިފައިވެއެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހޯމައަކުން ބުދަ ދުވަހަށް ހެނދުނުއެވެ.

