
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވިޔަފާރިއާއި ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޝިޕިން ލިންކެއް ގާއިމުކުރުމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ހަލީލުއްރަހުމާނާއި، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް މާލޭގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެން އުޅުއްވަނީ، ރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ރަސްމީ އިފްތިހާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރުން ދިން ދައުވަތަކަށް އެ ގައުމުން ފޮނުވި ހާއްސަ މެހެމާނެއްގެ ގޮތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ދެ ގައުމުގައި ދިރިއުޅޭ ދެ ގައުމުގެ ރައްޔިތުންގެ އުޅޭ ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރުން ފަތުރުވެރިކަން، ތައުލީމު، ސިއްހަތު، ނޫ އިގުތިސޯދު އަދި ޝިިޕިން ދާއިރާއިން އެއްބާރުލުން އިތުރުކޮށް ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ދެ ގައުމުގެ ދެމެދުގައި ގާއިމުކުރުމަށް ހުށަހެޅިފައިވާ ޝިޕިން ލިންކްގެ ސަބަބުން، ދެ ގައުމުގެ ދެމެދު އިތުރު ވިޔަފާރިއަށް މަގުފަހިވެ، ދެކުނު އޭޝިއާގެ މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިސްވެރިންގެ ފެންވަރުގައި ކުރެވިދާނެ ދަތުރުފަތުރުތަކާ ގުޅޭގޮތުން ވެސް ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް މުހައްމަދު ފަހުމީ ހަސަން އާއި، ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ނަޒްމުލް އިސްލާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

