
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޚާއްޞަ ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުފަހަރު ޕާކުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އާންމުކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ މަގުގެ ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓާ ހަމައަށް މިހާރު ވަނީ ޢާއްމު ދަތުރުފަތުރަށް ހުޅުވާލެވިފައެވެ. މި ސަރަޙައްދުގެ މަސައްކަތްތައް އެއްކޮށް ނިމުމާ ގުޅިގެން މުޅި މާލެ ވަށައިގެން އޮންނަ ބޮޑުމަގު އެއްކޮށް ބޭނުންކުރަން ފެށިފައިވާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕާކިންގ އުޞޫލުތަކަށް ބޯލެނބުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
ގަވާއިދާ ޚިލާފަށް އަދި ހިނގާމީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް ޕާކުކުރާ އުޅަނދުތައް ބަލައި ފާސްކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. އެހެންކަމުން އެއްގަމު އުޅަނދުފަހަރު ބާއްވަން ވާނީ ހަމައެކަނި އެކަމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައި ކަމަށް ފުލުހުން ތަކުރާރުކޮށްފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސްގެ މައި އިދާރާ ހުންނަ ސަރަޙައްދުގައި 500 ސައިކަލަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައިގެ ބޮޑު ޒޯނެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން، ރަސްމީ ފާލަމުން ފެށިގެންގޮސް ހެންވޭރު ފެރީ ޓާމިނަލާ ދެމެދު އޮންނަ 700 މީޓަރުގެ ދިގު ސަރަޙައްދު ވެސް މި ޕްރޮޖެކްޓުގެ ދަށުން ވަނީ އަލުން ތަރައްޤީކޮށް ނިންމާފައެވެ.

