
ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. މި ޖުލައި މަހުގެ 23ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ދިނެޝް ކުމާރު މުރްގެސަން، އިންޑިއާ (26އ)ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް 1 ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18 ފުޅި ފެނިފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 53 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

