
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިއަލް އަދި ނޮމިނަލް ޖީޑީޕީއަށް ކުރިއެރުން ލިބިއްޖެއެވެ.
ސްޓެޓިސްޓިކްސްގެ މައުލޫމާތުތަކަށް ބަލާއިރު 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާކެޓް އަގުގައި ނޮމިނަލް ޖީޑީޕީ ވަނީ 34,398 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2,178 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން، 2025ވަނަ އަހަރުގެ ފަހު ކުއާޓަރާ (4 ވަނަ ކުއާޓާ) އަޅާބަލާއިރު މިއީ 2,878 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ނޮމިނަލް ޖީޑީޕީގެ ކުރިއެރުމުގެ ނިސްބަތް އުޅެނީ 6.8% ގައެވެ. ނިމިދިޔަ ކުއާޓަރާ (2025 ކުއާޓަރ 4) އަޅާބަލާއިރު ނޮމިނަލް ޖީޑީޕީ ވަނީ 9.1%އިން ކުރިއަރާފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިއަލް ޖީޑީޕީއަށް އައިސްފައިވާ ބަދަލަށް ބަލާއިރު، މާކެޓް އަގުގައި ރިއަލް ޖީޑީޕީ ހުރީ 28,381 ބިލިއަން ރުފިޔާގައެވެ. މިއީ 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ރިއަލް ޖީޑީޕީ ވަނީ % 3.3 ނުވަތަ 912 މިލިއަން ރުފިޔާއިން ކުރިއަރާފައެވެ. އަދި އޭގެ ކުރީ ކުއާޓަރު (2025 ކުއާޓަރ 4)އާ އަޅާބަލާއިރު މިއީ % 1.3ގެ ނުވަތަ 372 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި މުއްދަތުގައި ރިއަލް ޖީޑީޕީ ކުރިއެރުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައި ވަނީ މާލީ ޚިދުމަތްތަކުގެ ދާއިރާ (1.3%) އަދި ހޯލްސޭލް އާއި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން (0.8%)އެވެ.

