
މާލޭ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 5.6 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި، ޖުލައި 23ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދެއްވާ ގޮތުގައި، މާލޭ ވިޔަފާރި ބަނދަރަށް ބޭލި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަތް މި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.11 ކިލޯ (3110 ގްރާމް) ހުއްޓެވެ. ފުރަތަމަ މަރުހަލާގައި ކުރެވުނު ތަހުލީލުތަކުން ދައްކާ ގޮތުގައި މިއީ ނުރައްކާތެރި ބާވަތެއް ކަމަށްވާ ‘ސިންތެޓިކް ކެތިނޯން’އެވެ. އަދި މި މިންވަރުގެ މަސްތުވާތަކެތީގެ އަގު މަގުމަތީ ބާޒާރުގައި 5.6 މިލިއަން ދިވެހި ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
2026 ޖުލައި 23 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ސިންތެޓިކް ކެތިނޯން
🔹 ބަރުދަން: 3،110 ގްރާމް
🔹ޖުމްލަ މަަގުމަތީއަގު: 5.6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/VufDabDkOD— Maldives Customs Service (@CustomsMv) July 23, 2026
މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ވައިގެމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ. އެގޮތުން، އިންޑިއާއިން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ދެ ފަސިންޖަރެއްގެ އަތުން 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ފާހަގަކޮށްލެވެއެވެ.

