
އަށް ޤައުމެއްގެ ޑިޕްލޮމެޓިކް މަންދޫބުންނާއި ސަފީރުން، އެބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އަރުވައިފިއެވެ.
ރަސްމީ ޢިއްޒަތުގައި މި ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަތީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޚާއްޞަ ހެވިކަމުގެ ލަޝްކަރަކާ އެކު، ސަގާފީ ބެރުދުންމާރި ތާޅަފިލީގައެވެ. ފަތްކޮޅު އެރުވުމަށް ފަހު، ރައީސް މުޢިއްޒު ވަނީ ކޮންމެ ސަފީރަކާ ވަކިވަކިން ބައްދަލުކުރައްވައި، ރާއްޖެއާއި އެ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޖެހިޖެހިގެން ދެވަނަ ދުވަހަކު މިފަދަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އިއްޔެ ވެސް ވަނީ އިތުރު އަށް ޤައުމެއްގެ ސަފީރުން އެމަނިކުފާނަށް ފަތްކޮޅު އަރުވާފައެވެ.
ކެނެޑާ، އޮސްޓްރިއާ އަދި ޕޯޗުގަލްގެ ސަފީރުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށެވެ. މީގެ އިތުރުން ކެނެޑާއާ އެކު ސީޕްލޭން އޮޕަރޭޝަންތަކާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަޝްވަރާކުރެއްވިއިރު، އޮސްޓްރިއާއާ އެކު މަސްވެރިކަމާއި ޑިޕްލޮމެޓިކް ސްކޮލަރޝިޕްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
އެފްރިކާ ބައްރުގެ ޤައުމުތައް ކަމަށްވާ ގާނާ އަދި ބުރުކީނާ ފާސޯގެ މަންދޫބުންނާ އެކު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއާއި، ވިޔަފާރީގެ އިތުރުން ފަންނީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ. ހަމައެހެންމެ، ބޫޓާނާ އެކު ފަތުރުވެރިކަމާއި މެހެމާންދާރީގެ ތަޖުރިބާ ޙިއްޞާކުރުމަށް މަޝްވަރާކުރެއްވިއެވެ. ތުރުކުމަނިސްތާނުގެ ސަފީރާ އެކު އިންވެސްޓްމަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް އިސްކަންދެއްވިއިރު، ލާއޮސްގެ ސަފީރާ އެކު ވެސް ވަނީ ދެޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް އާކުރައްވާފައެވެ.
މިއަދު ފަތްކޮޅު އެރުވި ޤައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގިނަ ދުވަސްވީ ޚާރިޖީ ގުޅުމެއް އޮންނަނީ 1978ވަނަ އަހަރު ގުޅުން ޤާއިމުކުރި އޮސްޓްރިއާއާއެކުގައެވެ. އޭގެ ފަހުން ކެނެޑާ، ބޫޓާން، ގާނާ، ތުރުކުމަނިސްތާން އަދި ޕޯޗުގަލްއާ އެކު ފާއިތުވި ގަރުނުގެ ތެރޭގައި ގުޅުން ޤާއިމުކޮށްފައިވާއިރު، ބުރުކީނާ ފާސޯ އާއި ލާއޮސްއާ އެކު ސިޔާސީ ގުޅުން ފަށާފައި ވަނީ 2011 އަދި 2012ވަނަ އަހަރުގައެވެ.

