
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައު ބޭފުޅަކު ހޯދުމަށްޓަކައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި މަގާމަށް ޝައުގުވެރިކަންފާޅުކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00 ހަމައަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، މިކަމަށް އެދޭ ފޯމުތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން ފެށިގެން މެންދުރު 12:00އާ ދެމެދު އެ އޮފީހުންނެވެ.
މަގާމަށް އެދި ހުށަހަޅަންޖެހޭ ރަސްމީ ލިޔެކިޔުންތަކާއި ފޯމުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެއެވެ. މީގެ އިތުރުން ފަސޭހަކަމާ އެކު އޮންލައިންކޮށް ފޯމު ހޯދަން ބޭނުންވާ ފަރާތްތަކަށް، އެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވެސް ފޯމުތައް ޑައުންލޯޑުކުރެވޭނެއެވެ.
ދައުލަތުގެ ޓެކްސް އިދާރާގެ ދެވަނައަށް އެންމެ އިސް މަގާމު ހުސްވެފައި ވަނީ، މީގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި ފާތިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދާދިފަހުން އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

