
ވިޒިޓް މޯލްޑިވްސް އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 11 ކުންފުންޏެއް ގުޅިގެން، އޮސްޓްރޭލިއާގެ ތިން ސިޓީއެއްގައި ކުރިއަށްގެންދާ “ވިޒިޓް މޯލްޑިވްސް ވީކް އިން އޮސްޓްރޭލިއާ” ރޯޑްޝޯ ރަސްމީކޮށް ފަށައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރާ ގޮތުގައި މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އެ ކުންފުނިން ރާވާފައިވާ ހާއްސަ ސްޓްރެޓެޖީގެ ދަށުން ބާއްވާ އިވެންޓެކެވެ. މި ހަރަކާތުގެ ތެރެއިން އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ އެޖެންޓުންނާއި މީޑިއާތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި އައު ޕްރޮޑަކްޓްތައް ދައްކާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މިފަހަރުގެ ރޯޑްޝޯއަށް ލިބިފައިވާ އެންމެ ބޮޑު އެއް ކުރިއެރުމަކީ، އަންނަ 2026ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ އެއަރލައިން “މޯލްޑިވިއަން” އިން މާލެއާއި މެލްބަންއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވުމެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުކުރުން ފަސޭހަވެ، އޮސްޓްރޭލިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ނިސްބަތް އެތައް ގުނައަކުން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އޮސްޓްރޭލިއާއަކީ ރާއްޖެއަށް 10ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ޖުމްލަ ފަތުރުވެރިންގެ 2.2 އިންސައްތަ އެ ގައުމުން ހިއްސާކުރާއިރު، ފާއިތުވި މެއި މަހު އެކަނި ވެސް އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 24.2 އިންސައްތަ އިތުރުވެފައެވެ. މިއީ މަތީ ފަންތީގެ އާމްދަނީއެއް ރާއްޖެއަށް ވައްދާ މާކެޓަކަށް ވާއިރު، އެ ގައުމުގެ 77.2 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. ނަމަވެސް ފަހަކަށް އައިސް ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދާ އޮސްޓްރޭލިއާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންކަން ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
ރާއްޖޭގެ ފަރާތުން މި އިވެންޓުގައި ބައިވެރިވާ 11 ކުންފުނީގެ ތެރޭގައި އައިލެންޑް އޭވިއޭޝަން، ވިލާ ރިސޯޓްސް، ވޮޔޭޖަސް މޯލްޑިވްސް، ކޯކޯ ބޮޑުހިތި، އުތުރުމާ މޯލްޑިވްސް، ބަގްލިއޯނި ރިސޯޓް، ޕަލްސް ހޮޓެލްސް، ރިސޯޓް ލައިފް، އެކްސައިޓިންގް މޯލްޑިވްސް، ސްޕްލެންޑިޑް އޭޝިއާ އަދި އެރައިވަލް ބީޗް އެންޑް ސްޕާ ހިމެނެއެވެ. މި ހަރަކާތުގެ ތެރެއިން ވިޔަފާރީގެ ބައްދަލުވުންތަކާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ދިނުމުގެ އިތުރުން މީޑިއާތަކާ ގުޅުން ބަދަހިކުރުން ކުރިއަށްދާނެއެވެ. ވިޒިޓް މޯލްޑިވްސްއިން އަންނަނީ “ލަގްޒަރީ އެސްކޭޕްސް” ފަދަ ކުންފުނިތަކާ ގުޅިގެންނާއި، އިންފްލުއެންސަރުން މެދުވެރިކޮށް ވެސް އޮސްޓްރޭލިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.

