
ަިއިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ މަސައްކަތްތައް ފަށައިފިއެވެ.
އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ހިންގެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެހެންވެ އެ މަޝްރޫއު ފެށުމުގެ ގޮތުން ހެރިޓޭޖް މިނިސްޓްރީން ވަނީ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ފަށައިފައެވެ. ހެރިޓޭޖް މިނިސްޓްރީގެ އިސްވަރު ހޯލުގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލުވުން އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ހީނާ ވަލީދުއެވެ. އެ ބައްދަލުވުމުގައި އަމިއްލަ އަދި ކްލަބް ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވިއެވެ.
އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރިވެތި އަހުލާގާއި އާދަކާދަ އިއާދަކޮށް ފެތުރުމަށްޓަކައި، ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު ހިޔާލުހޯދައި މަޝްވަރާ ކުރުންކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުން ނިމިގެންދިޔައީ ބައިވެރިވި ފަރާތްތަކުން ހުށަހެޅި ގްރޫޕް ޕްރެޒެންޓޭޝަންތަކަކުންނެވެ.
އެ ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހުރި އިސްލާމީ ރިވެތި އަދަބު އަހުލާގާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި ސިފަތައް އަލުން އަށަގަންނުވުމަށްޓަކައި ހިންގާ ބިޔަ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުން ހިމެނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

