
ބަރަހަނާ ފޮޓޯ ހުރި ކަމުގެ ބިރު ދައްކައިގެން ދިވެހި ފިރިހެނެއްގެ އަތުން 3 ލައްކަ ރުފިޔާ އަތުލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަންފަށައިފިއެވެ.
މި މައްސަލާގައި ބްލެކްމެއިލްކުރުމުގެ ދައުވާ އުފުލާފައި ވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗެވެ. މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރުމުން ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައި ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.
ސުޕްރީމް ކޯޓުގައި ދައުލަތުން މިހާރު ވަނީ މި މައްސަލަ އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގެ މައްސަލަ ދައުލަތުން ހުށަހެޅީ މިދިޔަ ހަފުތާ އާދީއްތަ ދުވަހުގައެވެ.

