
އެއްވެސް ރަހުނެއް ބެހެއްޓުމަކާ ނުލައި ޑޮލަރުން ފައިސާ ދޫކުރާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ދަރިވަރުންނަށް ދިމާވާ ބޭރު ފައިސާގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ތަޢާރަފުކުރި މި އައު ބަދަލާ އެކު، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ސަނަދުތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފީ ދެއްކުމުގައި ކުރިން ހުރި ހުރަސްތައް ނެތިގެންދާނެއެވެ. މިގޮތުން، ކިޔަވާ ކުދިންގެ ޓިއުޝަން ފީ ނުވަތަ ސެޓްފިކެޓް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ބޭންކުގެ ފަރާތުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ)ގެ ޒަރީއާއިން ކަމާގުޅޭ ތަޢުލީމީ މުއައްސަސާތަކަށް ސީދާ ފޮނުވައިދޭނެކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ދަރިވަރުންގެ އަތްމަތީ ޚަރަދުތަކަށް ކަނޑައަޅާފައިވާ ސްޓައިޕެންޑް ފައިސާ ޖަމާކުރުމަށް ހަމަޖެހިފައި ވަނީ ސީދާ އެކުއްޖެއްގެ އަމިއްލަ ބޭންކު އެކައުންޓަށެވެ.
ޤައުމީ ބޭންކުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ގެނެވުނު މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މިއީ ކަސްޓަމަރުންގެ އެދުންތަކަށް ރިޢާޔަތްކުރުމަށް ފަހު ބައްޓަންކުރެވިފައިވާ ޚިދުމަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް އެދޭ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއްކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު މާލީ މުއައްސަސާގެ ގޮތުގައި ބީއެމްއެލްއިން އަބަދުވެސް އަމާޒުހިފާފައި ވަނީ ޒަމާނާގުޅޭ ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ދަރިވަރުންގެ ތަޢުލީމީ އުންމީދުތައް ޙާޞިލުކޮށްދިނުމުގައި އެހީތެރިވެދިނުމަށެވެ.

