
ދިވެހިންގެ އާދަކާދަތަކާއި ހިސާބު ޢިލްމާ ހުރި ގުޅުން ދިރާސާކޮށް ދައްކުވައިދޭ ތާރީޚީ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ނެރެދެއްވައިފިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އެކުލަވާލެއްވި މި ޚާއްސަ ފޮތް، އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
“މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް – އެތުނޯމެތަމެޓިކްސް، ކަލްޗުރަލް ހެރިޓޭޗް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން”ގެ ނަމުގައި ނެރުނު މި ފޮތަކީ، ތަޢުލީމީ މަންހަޖާއި، ދިވެހިންގެ ސަގާފަތުގެ އިތުރުން ހިސާބުގެ ހަމަތައް ގުޅުވައިލައިގެން ރާއްޖޭގައި ޝާއިޢުކުރި މިފަދަ ފުރަތަމަ ޢިލްމީ މަސައްކަތެވެ. މިގޮތުން، ކަސަބު ވިޔުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން، ކަނޑުދަތުރުފަތުރުކުރުމާއި ވަޑާންކުރުން ފަދަ ދިވެހިންގެ ޒަމާންވީ މަސައްކަތްތަކުގައި ހިސާބު ޢިލްމު ބޭނުންކޮށްފައިވާ ގޮތްތައް މި ފޮތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.
މި ފޮތް ވުޖޫދަށް ގެނައުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، މިއީ އެކި ރަށްރަށަށް ދަތުރުކުރައްވައިގެންނާއި، ތާރީޚީ އަދި ބަހަވީ ޢިލްމުވެރިންނާ ބައްދަލުކުރައްވައިގެން އެއްކުރެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުއްވި ފޮތެއް ކަމަށެވެ. މީގެ އިތުރުން، ބޭރުގެ އެކިއެކި ހަޟާރަތްތަކުގެ ނުފޫޒުން ރާއްޖޭގެ ހިސާބު ޢިލްމަށް އައިސްފައިވާ ބަދަލުތައް ވެސް މި ދިރާސާގެ ތެރެއިން ހޯއްދަވާފައިވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދަރިވަރުންނަށް އެނގޭ، އާންމު ދިރިއުޅުމާ ގުޅުންހުރި ކަންކަމުގެ ތެރެއިން އުނގަންނައިދިނުމަކީ ކިޔެވުމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށްދޭނެ ކަމެއްކަން ފާހަގަކުރައްވަމުން، ޑރ. ޝެހެނާޒް ވިދާޅުވީ ދިރާސާއަށް ގިނަ ދުވަސްތަކެއް ވީނަމަވެސް، މިއީ ފޮތެއްގެ ސިފައިގައި ނެރުމަށް ކުރަމުން އައި ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ހިސާބު ޢިލްމަށް ދިވެހިންގެ މެދުގައި އޮންނަ ލޯބި އިތުރުވެ، އެ ދާއިރާގެ މައުލޫމާތު އިތުރަށް މުއްސަނދިވެގެން ދިއުމަކީ އެކަމަނާގެ އެންމެ ބޮޑު އެދިވަޑައިގަތުމެވެ.

