
މަސްތުވާތަކެތީގެ މައްސަލައެއްގައި ޖޫން 25ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި ޖޫން 25ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ޅ.ނައިފަރު / ނޭޒާ، އާދަމް ޙަސަންފުޅު، (41އ) އާއި ޅ.ނައިފަރު / މުރަނގަމާގެ، މުޙައްމަދު ޝިފާޒު (36އ)އާއި ސޭމް ސަޖޫ، އިންޑިއާ (28އ)އެވެ. މި ތިން މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ނައިފަރު ގެއެއް ބަލައި ފާސްކުރުމަށް ފަހު ކަމަށާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ތިން މީހުންގެ ބަންދަށް ވެސް ޖޫން 25ގައި ޖަހާފައިވަނީ ދިހަ ދުވަހެވެ.
ފުލުހުން މިއަދު ‘ދެން’ އަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އާދަމް ހަސަންފުޅު އިތުރު ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް ދެ މީހުން ވަނީ ދޫކޮށްލާފައެވެ.

