
މި ސަރުކާރުން ނިކަމެތި ހާލުގައި ތިބި 400 އަށްވުރެ ގިނަ ދަރިވަރުންނަށް ނާސްތާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަފީއު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލަމެންޓް ލީޑަރު އިބްރާހިމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފަލާހު ސުވާލު ކުރެއްވީ ނިމުނު ސަރުކާރުގައި ފެށި ނާސްތާ ޕްރޮގްރާމް މިހާރު ކުރިއަށް ދޭތޯ އާއި އެ ޕްރޮގްރާމް ކުރިއަށް ދާނަމަ މިހާރު އެ ޕްރޮގްރާމް ކުރިއަށްދާ ގޮތާމެދުއެވެ.
މެންބަރު ފަލާހަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާން ޖެހޭނީ ރާއްޖޭގެ ހާލަތަށް ފެތޭނެ ގޮތަކަށް ކަމަށެވެ.
އެމްޑީޕީގެ ވައުދަކީ ކޮންމެ ކުއްޖަކަށް ނާސްތާ ދިނުން ކަމަށްވީ ނަމަވެސް ފަހުން އެ ސަރުކާރުގައި ވެސް ނިންމީ އެކަމަށް ބޭނުންޖެހިފައިވާ ކުދިންނަށް އެކަނި ނާސްތާގެ އެހީއެއް ފޯރުކޮށްދިނުމަށް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޝަފީއު ގަބޫލުކުރައްވާ ގޮތުގައި ނާސްތާގެ ޕްރޮގްރާމް ރާއްޖޭގައި ހިންގަން އެންމެ ރަނގަޅު ގޮތަކީ ވެސް ނިކަމެތި ހާލުގައި ތިިބި ދަރިވަރުންނަށް އެހީއެއްގެ ގޮތުގައި ނާސްތާ ފޯރުކޮށްދިނުމެވެ.
“ކޮންމެ އަހަރެއް ފެށޭއިރު ނިކަމެތި ކުދިން ދެނެގަނެ، ރަށްރަށުގެ ވެރިންނާ ވާހަކަ ވެސް ދެކެވިގެން އެ ކުދިން ދެނެގަނެ އެ ކުދިންނަށް ބޭނުންވާ ސަޕޯޓް އަންނަނީ ދެމުން. އެ ގޮތުން މިހާރު ވެސް 400އަށް ވުރެ ގިނަ ދަރިވަރުންނަށް އަންނަނީ އެފަދަ އެހީ ދެމުން،” ވަޒީރު ޝަފީއު ވިދާޅުވިއެވެ.
ކުރީގެ އެމްޑީޕީގެ ސަރުކާރުގައި މަރުހަލާތަކާއި ފިޔަވަހިތަކަކަށް ބަހާލައިގެން، ވަކި ޝެޑިއުލެއްގެ ތެރެއިން ނާސްތާ ޕްރޮގްރާމް ގެންދިޔައީ ހިންގަމުންނެވެ. ނަމަވެސް ކޮވިޑްގެ ދަތިކަން ކުރިމަތިވި ފަހުން، އެ ސަރުކާރުގައި އެ ގޮތަށް ނާސްތާ ޕޮރޮގްރާާމް ހިންގުން ހުއްޓާލިއެވެ.

