
ފްލެޓާއި ގޯތި ލިބޭ ފަރާތްތައް މިއަހަރުގެ ތެރޭގައި ކަނޑައަޅުއްވައި އިޢުލާނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒަށް ޖާގަ ނުދެއްވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަކި މީހަކަށް ވީތީ ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވީތީ ބޯހިޔާވަހިކަން ނުދެއްވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ފޯމުތައް ވަރަށް ފުރިހަމައަށް ދިރާސާކުރެވި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ތަރުތީބުން ޙައްޤުވެރިންނަށް އެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާންމުކުރާ ލިސްޓުގައި ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ބިނާކުރާ ކޮން ފްލެޓެއްކަން ސާފުކޮށް އެނގެން އޮންނާނެކަމަށް ވެސް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ބިނާކުރާ ފްލެޓްތަކުގެ ޢަމަލީ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ގިނަ ޢިމާރާތްތަކެއްގެ ބިންގަލުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ލަފާކުރައްވާ ގޮތުގައި، 2028ވަނަ އަހަރުގެ މެދުތެރޭގައި (މެއި، ޖޫން ނުވަތަ ޖުލައި ހިސާބުގައި) މާލެ ސަރަޙައްދުގައި އިމާރާތްކުރާ ހުރިހާ ފްލެޓްތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.
ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ޑރ. މުޢިއްޒު ވިދާޅުވީ، އެތަނުގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް (60 އިންސައްތަ) މިހާރު ވެސް ނިމިފައިވާކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މަސައްކަތްތަކަށް ކުޑަ ލަސްކަމެއް އައި ނަމަވެސް، އިތުރު ދެ ޑްރެޖަރު ގެނެސްގެން މިއަހަރުގެ ނިޔަލަށް ބިން ހިއްކުމުގެ މަރުޙަލާ އެއްކޮށް ނިންމަވާލައްވާނެކަމުގެ އުންމީދު އެމަނިކުފާނު އައުކުރެއްވިއެވެ. ގޯތިތައް ހަވާލުކުރަން ފެށޭނީ ރަސްމާލެ ހިއްކައި ނިމުމުންނެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ފްލެޓް ބޭނުންވެގެން 35،930 މީހުން އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައި ވަނީ 22،575 ފޯމެވެ.

