
ހުޅުމާލެ ހޮސްޕިޓަލުގައި “އައުޓްޕޭޝަންޓް ނާސިންގް”ގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.
މިއީ އާންމުކޮށް ބޭނުންވާ ނާރސިން ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކުރި ހިދުމަތެއް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
“އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް”ގެ ދަށުން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައިއިންޖެކްޝަން ޖަހައިދިނުމާއި ބޭސްއަޅައިދިނުމާއި އާވި އަރުވައިދިނުން ހިމެނެއެވެ.
އޭގެ އިތުރުން ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމާއި ހަކުރުބަލައިދިނުން ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ހިދުމަތް ވެސް އައުޓްޕޭޝަންޓް ނާސިންގްގެ ހިދުމަތްތަކުގެ ތެރެއިން ލިބޭނެކަމަށް ހުޅުމާލެ ހޮސްޕިޓަލްއިން ބުންޏެވެ.
“އައުޓްޕޭޝަންޓް ނާސިންގް”ގެ ހިދުމަތް ލިބޭނީ ހެނދުނު އަށަކުން ރޭގަނޑު އެގާރަ ޖަހަންދެނެވެ.

