
25 އަހަރު ޚިދުމަތްކުރުމަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް، ވަޒީފާގައި ދެމިތިބޭ ފުލުހުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ކަންކަން ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަން ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު އިޢުލާނުކުރައްވައިފިއެވެ.
ފުލުހުންގެ މުއައްސަސާއަށް 93 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސީޕީ ވަނީ، ޝަރަފުވެރިކަމާ އެކު ފުލުހުންގެ ވަޒީފާއިން ވަކިވާ ފަރާތްތަކަށް މިހާރު ކަނޑައެޅިފައިވާ ޢިނާޔަތްތަކުގެ މިންގަނޑުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން، އެ މުވައްޒަފަކު ޤައުމަށް ޚިދުމަތްކޮށްދެއްވި މުއްދަތަށް ރިއާޔަތްކުރުމަށް ފަހު، އެންމެ އެކަށީގެންވާ ގޮތެއްގައި އިނާޔަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ވެލްފެއަރ ކަންކަން ހަރުދަނާކޮށް، އެ މުއައްސަސާއަކީ އުފާވެރި މާޙައުލެއްގައި މަސައްކަތްކުރާ ބަޔަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ކަމާބެހޭ ވަޒީރުގެ ބައިވެރިވުމާ އެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެއްކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ތަޢުލީމީ ފުރުޞަތުތަކުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޯދައިދިނުމަށް ސަރުކާރުން އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށެވެ. އަދި ފުލުހުންގެ އިޙުސާސްތަކާއި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދިނުމުގައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
މީގެ އިތުރުން، 2004ވަނަ އަހަރު މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް އަލުން ތަރުތީބުވެގެން އައިއިރު، އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، ބްރިގޭޑިއަރ ރިޓަޔަރޑް އާދަމް ޒާހިރަށާއި، އޭގެ ފަހުން އެ މަޤާމު ފުރުއްވި އެންމެހާ ބޭފުޅުންނަށް، މިއަދު ފެންނަން މި އޮތް ޒަމާނީ ފުލުހުންގެ މުއައްސަސާ ބިނާކުރެއްވުމުގައި ކޮށްދެއްވި މިންނަތް މަސައްކަތްޕުޅުތަކަށް ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ ނުހަނު އިޚުލާޞްތެރިކަމާ އެކު ޝުކުރުއަދާކުރައްވާފައެވެ.

