
މިމަހުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ދުވަހަށް އިއްޔެ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކްސް ދައްކާ ގޮތުން މިމަހު ތެރޭގައި ދުވަހެއްގެ މައްޗަށް އެވްރެޖްކޮށް 3,500އާއި 4,500އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ. އެންމެ ގިނައިން މީހުން އައިސްފައިވަނީ ޖޫން 27ވަނަ ދުވަހުއެވެ. އެއީ 4,969ފަތުރުވެރިންނެވެ.
މި ހިނގާ ޖޫން މަހުގެ 1އިން 27އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 110,360ފަތުރުވެރިންނެވެ. މިދިޔަ 2025ވަނަ އަހަރުގެ ޖޫން މަހުގެ މި މުއްދަތުގައި 126,369ފަތުރުވެރިން އައިސްފައިވާއިރު، މިއީ ގާތްގަނޑަކަށް %12.7ގެ ދަށްވުމެކެވެ. ނަމަވެސް 2024ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު (109,965 ޓޫރިސްޓުން)މިއަހަރުގެ އަދަދުތައް ހުރީ ދާދި އެއްވަރެއްގައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 10ގައުމުގެ ތެރެއިން އެއްވަނައިގައި އުޅެނީ ޗައިނާއެވެ.
އެންމެ ގިނައިން ޓޫރިސްޓުން އައި ދެ ގައުމު
ޗައިނާ: 166,275ފަތުރުވެރިން (%16.1މާކެޓް ހިއްސާ)
ރަޝިޔާ: 147,906ފަތުރުވެރިން (%14.3މާކެޓް ހިއްސާ)
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑުބައެއް އަދިވެސް ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ޖުމްލަގޮތެއްގައި ބަލާއިރު މިއަހަރުގެ ކުރީކޮޅު (ޖެނުއަރީ އަދި ފެބްރުއަރީ)ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއެރުމަށްފަހު، އޮފް-ޕީކް ސީޒަނާ ދިމާކޮށް ޖޫން މަހުގެ ތެރޭގައި އައުން ކޮންމެ ވެސް ވަރަކަށް ވަނީ މަޑުޖެހިފައެވެ.

