
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަލް ނޫމާން، ބަންގްލަދޭޝް (31އ) އާއި ރަކީބުލް ހަސަން ޕަޕޫން، ބަންގްލަދޭޝް (20އ)ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި ޖޫން މަހުގެ 26ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް ނޫމާން (31އ) ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން (20އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

