
މުޅިން އަލަށް އުފެއްދި އައްޑޫ މީދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރާނެ ފަރާތެއް ހޯދުމަށް، 5,000 ރުފިޔާގެ އިނާމަކާއެކު އިއުލާންކޮށްފި އެވެ.
އައްޑޫ އަތޮޅުގެ މީހުން ދިރިއުޅޭ ހަ ރަށް ވެސް މީގެ ކުރިން އޮތީ ސިޓީގެ ދަރަޖަ ދެވިފައިވާ އެއް ކައުންސިލެއްގެ ދަށުގަ އެވެ. ނަމަވެސް ހުޅުދޫ އާއި މީދޫގައި މި ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި، އެ ދެ ރަށުގެ މީހުން ވެސް ބޭނުންވީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެއިން ކޮންމެ ރަށެއްގައި ވަކި ރަށު ކައުންސިލެއް ހެދުމަށެވެ.
އެހެންވެ، މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ހުޅުދޫ އާއި މީދޫ މީހުން ވަނީ އަމިއްލަ ރަށު ކައުންސިލެއް އިންތިހާބުކޮށްފަ އެވެ. އާ ކައުންސިލު އެކުލަވާލައި ކައުންސިލަރުން ހުވާ ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ މީދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުސަތަކީ ވަކިވަކި ފަރުދުންނަށާއި، ވިޔަފާރިވެރިންނަށާއި، ކުންފުނިތަކަށް ވެސް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.
ހުށަހަޅާ ލޯގޯ ތަކުގެ ތެރެއިން އެއް ވަނަ އަށް ހޮވޭ ލޯގޯ އަކަށް މި ކައުންސިލުން 5000 ރުފިޔާގެ ފައިސާ އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމާ ހަމައަށެވެ.
އައްޑޫ މީދޫ ކައުންސިލުން އެދިފައިވަނީ ލޯގޯ ފަރުމާކުރުމުގައި ފެހި ކުލައިގެ ޝޭޑެއް ބޭނުންކުރުމަށެވެ. އޭގެ އިތުރުން ކޮންމެ ވެސް އެހެން އިތުރު ދެ ކުލައެއް ލޯގޯ ބޭނުންކުރެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ލޯގޯ އިން ވީހާ ވެސް ބޮޑަކަށް މީދޫއަށް ހާއްސަ ސިފަތަކާއި ކަންކަން ރަމްޒުވާން ވާނެ ކަމަށް މީދޫ ކައުންސިލުން ބުންޏެވެ.

