
ބަނގުރާ ބޮއިގެން ތިބެ، ހުޅުމާލޭ އެޕާޓްމަންޓެއްގައި ހަމަނުޖެހުން ހިންގި ދެ އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލޭ ފޭސް 1ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 6 ޖަހާކަށްހާއިރެވެ. އެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ އެޕާޓްމަންޓަށް ހާޒިރުވެ އެ ތަން ބަލައިފާސްކޮށްފަ އެވެ.
އެ ގޮތުން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ އަންހެނެއް، 29 އަހަރުގެ އަންހެނެއް، 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

