
މި އަހަރު ރާއްޖޭގެ ރިއަލްޖީޑީޕީގެ ކުރިއެރުން ހުންނާނީ %4.8 އާއި %5.3 އާ ދެމެދުގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން އާއްމުކުރި ޑިވްލޮޕްމަންޓް އަޕްޑޭޓް ދައްކާ ގޮތުން މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނީ %4.8 އާއި %5.3 އާ ދެމެދުގެ މިންވަރަކަށެވެ. މީގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަން، ދަތުރުފަތުރު އަދި ވިޔަފާރީގެ ދާއިރާ ފުޅާވުމެވެ. އަދި 2024 ގައި ޖީޑީޕީ %3.5 ކުރިއެރުމަށްފަހު، 2025 ވަނަ އަހަރު ޖީޑީޕީ ކުރިއަރާފައިވަނީ %6.3 ގަ އެވެ.
އެމްއެއްމްއޭގެ މި ރިޕޯޓުގައިވާ ގޮތުން ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ދަަށްވުމަށްގަހު ޓޫރިޒަމް ދަނީ ރަނގަޅުވަުންނެވެ. ނަމަވެސް މިހާރުގެ ހާލަތުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު (ބެޑްނައިޓްސް) %13 ދަށްވެފައިވެއެވެ. މިއީ ރިސޯޓުތަކުގެ ބެޑްނައިޓްސް %21 ދަށްވުމުން ދިމާވި ގޮތެކެވެ. ނަމަވެސް، ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ވަނީ %32 އިތުރުވެފަ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރި މުއްދަތު 6.9 ދުވަހުން 7.1 ދުވަހަށް ވަނީ ބަދަލުވެފައެވެ. ބެޑް ކެޕޭސިޓީ އިތުރުވި ނަމަވެސް، އޮކިއުޕެންސީ ރޭޓް ވަނީ %60 އިން %49 އަށް ދަށްވެފައެވެ.
ޖޫން 2026 ގައި އައިއެމްއެފްގެ ވަފުދުން ރާއްޖެއަށް ކުރި “އާޓިކަލް IV” މިޝަނަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ ހަގީގީ ޖީޑީޕީ ކުރިއަރާނީ ގާތްގަނޑަކަށް 1 އިންސައްތަ އެވެ. އަދި މިއީ 2025 ވަނަ އަހަރު އިގްތިސާދު ކުރިއެރުނު މިންވަރާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. މީގެ ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރުމާއި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ (ތެލުގެ) އަގުތައް މަތިވުމެވެ. ނަމަވެސް، 2027 އިން ފެށިގެން އިގްތިސާދު އަލުން އިއާދަވެ، މެދުރާސްތާގައި ކުރިއެރުން 4 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެއެވެ. ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.3 އިންސައްތައިގައި ކުރިއެރުމަށްފަހު، މި އަހަރު ކުރިއެރުން 0.7 އިންސައްތައަށް (0.7%) ދަށްވާނެއެވެ. މީގެ ސަބަބަކީ ފަތުރުވެރިން އަންނަ މިންވަރު މަދުވުމާއި، މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފްލައިޓްތަކަށް ބުރޫއެރުމާއި، ތެލުގެ އަގު އުފުލުމުގެ އިތުރުން ބޭރުން ފައިނޭންސް (ލޯނު) ހޯދުމަށް ހުރި ދަތިތަކެވެ.

