
ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުން އިއްޔެ ދަތުރުކުރި ބޭރުގެ މަސް ބޯޓުން ގަވައިދާ ހިލާފު އެއްޗެއް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް އެ ދެ ބޯޓު ދަތުރުކުރަމުންދަނިކޮށް އެ ބޯޓުތަކުގެ މައްސަލަ އެމްއެންޑީއެފްއަށް ރިޕޯޓްކުރީ ދިވެހި މަސްވެރިން އުޅަނދަކުންނެވެ.
އެމްއެންޑީއެފްއިން ބުނީ އެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ގޮސް، އެ އުޅަނދުތައް ހުއްޓުވައި އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އުޅަނދުތައް ބަލައި ފާސްކުރި ކަމަށެވެ.
ނަމަވެސް އެ އުޅަނދުތައް ބަލައި ފާސްކުރި އިރު، ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް އެ އުޅަނދުތަކުން ފެނިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އަދި އެ ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަޙައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެއްކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

