
މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވައިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގައުމީ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ރާއްޖެއަކީ ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމުގެ ބޭނުމުގައި، “ނޭޝަން ޗެޓް” ޕްރޮގްރާމްގެ ތެރެއިން، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ އަދި ދުންފަތާ ބީރައްޓެހި މުޖުތަމައެއް ބިނާކުރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުޅިން އަލަށް ފަށާ މި ހަރަކާތުގެ ދަށުން ރަށްރަށުގައި ހަރަކާތްތެރިވާ ޖަމާއަތްތަކަށް ސަރުކާރުން ހާއްސަ އެހީތަކަކާއި މަގުފަހިކަން ހޯދައިދޭނެ ކަމަށެވެ. މީގެ ތެރޭގައި ފައިސާގެ އިނާމުތަކާއި އެހެނިހެން މާލީ މަންފާތައް ދިނުން ވެސް ހިމެނޭނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މީގެ އިތުރުން، މިއީ ހުރިހާ ދާއިރާއެއް ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތެއްކަން ބަޔާންކުރައްވައި، ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ ވަސީލަތްތަކުން ނަގަމުން އަންނަ ޑިއުޓީ އެއްކޮށް ކަނޑާލުމަށް ނިންމަވާފައިވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކާއި ދިރާސާތަކަށް ރިއާޔަތްކޮށް، ސިނގިރެޓުން ނަގާ ޑިއުޓީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވާ މި މައްސަލައަކީ ދުންފަތުގެ ނުރައްކާތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޑަބްލިއުއެޗްއޯގެ ތާވަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅާ މުހިންމު ފިޔަވަޅެކެވެ.

