
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި މިދެ މަސްބޯޓު ފެނިފައި ވަނީ ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ދެ މަސްބޯޓު ދަތުރުކުރަމުންދިޔައީ އިރުން ހުޅަނގަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެކަމުގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެންޑީއެފުން ހިއްސާކޮށްފައެއް ނުވެއެވެ.

