
ލ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ ވައިގެ ބަނދަރު އެ އަތޮޅު އިސްދޫ-ކަލައިދޫގައި ބިނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ހައްދުންމަތީގެ އުތުރު ބިތުގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހާރު ކައްދޫ ވައިގެ ބަނދަރަށް ދިއުމަށް 45 މިނެޓުގެ ދިގު ދަތުރެއް ކުރަންޖެހޭއިރު، އައު މަޝްރޫޢާ އެކު ދަނބިދޫއާއި މައިބާދޫގެ އިތުރުން އިސްދޫ އަދި ކަލައިދޫގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.
ބިމުގެ ގޮތުން ތަނަވަސްކަން އޮތް އިސްދޫ-ކަލައިދޫއަކީ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްޤީގެ ގިނަ ފުރުޞަތުތަކެއް ފަހިވެފައިވާ ރަށެކެވެ. މީގެ އިތުރުން، އެ ސަރަޙައްދު ވަށައިގެންވާ ޤުދުރަތީ ރީތިކަމުގެ ސަބަބުން، ކުރިމަގުގައި ފަތުރުވެރިކަމުގެ ސިނާޢަތް އެ ސަރަޙައްދުގައި ފުޅާކުރުމަށް ވެސް މި ވައިގެ ބަނދަރުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މުޅި ދިވެހިރާއްޖެ ވައިގެ މަގުންނާއި ކަނޑުގެ މަގުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަސައްވުރެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، އިޤުތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ސަރަޙައްދުތަކުގައި ވައިގެ ބަނދަރުތައް އެޅުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ގުޅިގެން ސަރުކާރުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަރުޙަލާ ނިމި، ޢަމަލީ މަސައްކަތްތައް ފެށިފައިވާއިރު، ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ އެކު ވެސް، ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމުގެ އިންތިޒާމުތައް ސަރުކާރުން އަންނަނީ ހަމަޖައްސަވަމުންނެވެ.

