
މ. ދިއްގަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އައު ސޭލްސް ސެންޓަރަކާއި ފައިސާ ޖަމާކޮށް ނެގޭ އޭޓީއެމްއެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި މުހިންމު ވަސީލަތްތައް އާންމުންނަށް ދޫކޮށްލުމަށްޓަކައި ދިއްގަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ތަންތަން ހުޅުވައިދެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނިޝާންގެ އިތުރުން އެމްއައިބީގެ އިސް ވެރިންނެވެ.
އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާ އެކު މާލީ މުއާމަލާތްތައް ހިންގޭނެ މަގު ތަނަވަސްކޮށްދިނުމަށް ގާއިމުކުރި މި އޭޓީއެމްގެ ޒަރީއާއިން ދިވެހި ރުފިޔާ ނެގުމާއި އެކައުންޓަށް ޖަމާކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ. އަދި އައު ސޭލްސް ސެންޓަރު މެދުވެރިކޮށް ބޭންކިންގގެ ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
MIB has officially opened its new Sales Centre and ATM in M. Dhiggaru, further expanding access to banking services across the Maldives.
The new facilities provide residents and businesses with convenient access to essential banking services with in their community. pic.twitter.com/jI5wIp4DMM
— MaldivesIslamicBank (@mibmv) June 20, 2026
އެ ބޭންކުން ހާމަކުރާ ގޮތުގައި، މިފަދަ ވަސީލަތްތައް ރަށްރަށުގައި ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ އިގުތިސާދީ ދުވެލި ހަލުވިކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްއައިބީގެ ގޮފިތަކާއި އޭޓީއެމްތައް އިތުރުކުރުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ހަލުވިކަމާ އެކު ކުރަމުންކަމަށް ވެސް އެ ބޭންކުން ފާހަގަކުރެއެވެ.

