
ސަރުކާރުގެ މަސް ކުންފުނި (މިފްކޯ)އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގެ މަގުން ދެމެހެއްޓުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ދަ ޕަލްސް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ އަގަށްވުރެ މައްޗަށް ރޭޓު ގެންދިއުމަކީ ވެސް އެމަނިކުފާނުގެ އުންމީދެކެވެ. މީގެ އިތުރުން، އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން ނަގަމުން އައި ޑިއުޓީ ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރިއަށްދާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ޝަކުވާތަކަށް އަލިއަޅުއްވާލައްވަމުން، އެ ފަރާތްތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މިފްކޯގެ ދައުރު މި ސިނާޢަތުގައި އަލުން ފުޅާކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ކަންނެލި މަސްވެރިންގެ މަޝްވަރާއާއި ބައިވެރިވުމާ އެކު ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރާއްޖޭގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަށް އޮބިނޯންނަ ވަރަށް މީހުން ވެއްދުމުގެ ސަބަބުން މަސްވެރިކަމާ ދުރަށް ދިވެހިން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހިއްސާވާ ކުންފުނިތައް އެކަށީގެންވާ ސައިޒަކަށް ކުޑަކުރުމަށް މިހާރު ފަށާފައިވާ އިޞްލާޙީ ފިޔަވަޅުތަކާ އެކު، އިޤުތިޞާދަށާއި މަސްވެރިކަމުގެ ދާއިރާއަށް އޭގެ ހެޔޮ ބަދަލު ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ އިޤުތިޞާދީ ނިޒާމެއްގެ ތެރެއިން މި މައްސަލަތަކަށް ދާއިމީ ފަރުވާއެއް ހޯދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

