
އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައިވާ 8 އެކްޓިވިސްޓުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފިއެވެ.
މި މައްސަލާގައި ދައުވާކުރި 8 މީހުންގެ ތެރޭގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު (މަޓޭ) އާއި ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ހިމެނެއެވެ.
އޭގެ އިތުރަށް ދައުވާކުރި މީހުންނަކީ އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްގަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒު، އަދި ހުސައިން ރަޝީދެވެ.
އޭގެ ތެރެއިން ނައުފަލް، މުއައްވިޒު އަދި ހުސައިން ވަނީ ނަސޭހަތުގެ އެއްބަސްވުމެއް ދައުލަތާ އެކު ހަދަން ވެގެން އެ ކަމަށް އެދިފައެވެ. ރޭގެ ވަގުތެއްގައި ފޯމު ފޮނުވީތީ، އަދި އެ ކަމަށް ގޮތެއް ނުނިންމާ ކަމަށް ދައުލަތުގެ ވަކީލު އަހުސަމް އަހުމަދު އާސިމް ވިދާޅުވިއެވެ.
އަޑުއެހުން ނިންމާލީ އެންމެނަށް ވެސް ވަކީލަކު އައްޔަންކުރަން 10 ދުވަސް ދެއްވުމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ނިންމެވުމަށް ފަހުގައެވެ.
ދައުވާކުރި މީހުންގެ ތެރެއިން މެންބަރު މައުރޫފު މިއަދު ޝަރީއަތަށް އަޑުއެހުމަށް ހާޒިރެއް ނުވެއެވެ.

